ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު މިއަހަރުގެ ފުރަތަމަ މަހު ފާހަގަކޮށްލެވޭ މިންވަރަކަށް ކުއްލިގޮތަކަށް އިތުރުވެއްޖެ އެވެ.
އަހަރު ފެށުނުއިރު 9 ވަނައިގައި އޮތް ޗައިނާ މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އަރާފަ އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 32،349 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.4 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 27،544 ފަތުރުވެރިންނެވެ.
މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގައި އެއްވަނައިގައި އޮތީ ރަޝިޔާއެވެ. ޗައިނާއަކީ މީގެ ކުރިން ވެސް މި ލިސްޓުގެ އެއްވަނައިގައި އޮވެފައިވާ ޤައުމެކެވެ. 2025 ވަނަ އަހަރުގެ މިހާތަނަށް 132،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
ފާއިތުވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. އެގޮތުން ސަރުކާރުން އަމާޒުކުރި 2 މިލިއަން ފަތުރުވެރިންގެ އަދަދު ވަނީ ހާސިލުކުރެވިފަ އެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ރެކޯޑު އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އަހަރުވެސް މެއެވެ.