އެމްޓީސީސީގެ އެހީއާއެކު ވަރަށް އަވަހަށް ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ، ރ. އަތޮޅަށް މިހާރު އެމްނިކުފާނު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރ. ހުޅުދުއްފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަށް ރަށުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހުއްޓިފައި އޮތީ ބޮޑު ހިލަ ނުލިބިގެން ކަމަށެވެ. އެގޮތުން، ހުޅުދުއްފާރުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަޝްރޫއު ވެސް ހުއްޓިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް، ބޮޑު ހިލަ ސަޕްލައި ކުރުމުގައި ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
”ކުރިއަށް އޮތް މަސްތަކުގައި ޝެޑިއުލްއެއްގެ ތެރެއިން މި ރަށް ވެސް ހިމަނައިގެން އެމްޓީސީސީން ބޮޑު ހިލަ ޖައްސަން ޖެހިފައި ހުރި މަޝްރޫއުތައް ހިނގައިގަންނާނެ.“
މީގެ އިތުރުން، ހުޅުދުއްފާރުގެ ބަނދަރުގެ ބޭރު ތޮށި ބޭނުން ކުރެވޭ ކަހަލަ ގޮތަކަށް ބަދަލުތަކެއް ގެންނަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެކަން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރ. ހުޅުދުއްފާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު