އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރަނީ އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެފި އެވެ.
ބިންވެރިޔާ ސްކީމުން ބިން ނުލިބޭ ބަޔަކަށް ގޯތި ދޭން އެޗްޑީސީން މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުންތަކަކާ ގުޅިގެން ފުލުހުން މައްސަލަ ބަލަމުންދާތީ ސަސްޕެންޑުކޮށްފައި ހުއްޓާ ފަޒުލް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެގޮތުން، ފަޒުލްގެ އެއްބަނޑު އެއްބަފާ ބޭބެ، އަދި މިހާރު ސަސްޕެންޑުކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ވެސް އޭގެ ތެރޭ ހިމެނެ އެވެ.
ފުލުހުން ބުނީ، ތަހުުގީގުގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަޒުލްއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދީ ފަޒުލްއަށް ފުރުން މަނާކުރުމަށް ނެރުނު އަމުރު އަދިވެސް ދެމި އެބައޮތް ކަމަށެވެ.
އެގޮތުން، ފަޒުލް ދިރިއުޅޭ ގެއަށް ފުލުހުން ވަދެ، މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި އެ އޮޕަރޭޝަންގައި 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ފުލުހުން ވަނީ ހޯދާފަ އެވެ.
އެ ފައިސާއަކީ ލޯންޗު ދަތުރުގެ ހިދުމަތްދޭ ރިލެކްސް ފެރީ ސާވިސް އިން އެތަނުގެ ލޯންޗުތަކެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން ފައިސާ ކަމަށް ރިލެކްސް ފެރީ އިން ފަހުން ސޯޝަލް މީޑިއާގައި ވަނީ ބުނެފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދިވެހި ފުލުހުންގެ ޚިދުމަތް