އެފްއޭއެމް ޚިޔާނާތް: އަމީން ކޮންސްޓްރަކްޝަންއަށް ދައުވާ ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ހިމެނޭގޮތަށް އިތުރު ބައެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ޕީޖީ އޮފީހުން އިއްުޔެ ބުނެފައިވަނީ އެފްއޭއެމްއަށް ލިބޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު ތިން ފަރާތެއްގެ މައްޗަށް 19 ޖަނަވަރީ 2025 ދުވަހު ދައުވާ ކޮށްފައިވާ ކަމަށެވެ. 

މި މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތައް:

  1. މުހައްމަދު އަޤީލް / ގއ. ގެމަނަފުށި، ފެހިކުރި
  2. ހަސަން ވަހީދު / މ. ހިރިނައިދޫ
  3. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

މި ތިން ފަރާތުގެ މައްޗަށްވެސް ކޮށްފައިވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.

މުހައްމަދު އަޤީލްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރެ، ބައްސާމު އަދީލް ޖަލީލް، 26 ޖަނަވަރީ 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާއިން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށްޓަކައި، ޗެކު ތައްޔާރުކޮށްދީ، 14 އޭޕްރީލް 2021 ދުވަހު އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް 1,000,000 އެމެރިކާ ޑޮލަރު ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، އަމީން ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް ޖުމްލަ 15،420،000 ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީ އެވެ. އަދި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް ބައްސާމުއަށް އެހީތެރިވެދީފައިވާތީ އެވެ. 

ހަސަން ވަހީދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެފްއޭއެމްގެ އެކި މަޤާމުތައް އަދާކުރަމުން އައިސް، ބައްސާމް އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަންއަށް ފައިސާ ދެއްކުމުގެ ގޮތުން، އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޗެކްމާކް ކުންފުންޏަށް 100,000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،000 ރުފިޔާ އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީ އެވެ. އަދި އެފްއޭއެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއަށް 100،000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،500 އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއިން ދޫކުރި ޗެކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީ އެވެ. 

މީގެއިތުރުން މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ބައްސާމް އެފްއޭއެމްގެ އެކައުންޓުގެ ޗެކު 08 އޭޕްރީލް 2021 ދުވަހު ތައްޔާރުކުރުވައި، ޗެކުގައި އޭނާ ސޮއިކޮށް، 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް 1,919,950 ޑޮލަރު ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1,000,000 ޑޮލަރު ނެގޭ ގޮތަށް، ޗެކު އަމީން ކޮންސްޓްރަކްޝަންއަށް ދޫކުރުމުން، އެ ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ، އެ ފައިސާ ބަލައިގަނެފައިވާތީ އެވެ. މީގެއިތުރުން އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، 14 އޭޕްރީލް 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑާކުރުމަށް އަމީން ކޮންސްޓްރަކްޝަންއިން ބައްސާމަށް އެހީތެރިވެދީފައިވާކަމަށްވެސް ދައުވާ ކުރާ ސަބަބުގެ ގޮތުގައި ބުނެފައިވެ އެވެ.

ޕީޖީން ބުނެފައިވަނީ މީގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1،000،000 ޑޮލަރު އަމީން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށާއި، އަމީން ކޮންސްޓްރަކްޝަންގެ މި އަމަލުގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ ކަމަށެވެ. 

އެފްއޭއެމްގެ ޚިޔާލާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށްވެސް ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ. އެގޮތުން ބައްސާމްގެ މައްޗަށް ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ 2 ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ 2 ދައުވާ އެވެ. 

އެފްއޭއެމް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ