މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތަށް ގުޅިފަޅު-ތިލަފުށި ޗެނަލް، މާލެ-ވިލިމާ، މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ޗެނަލްތައް ބަންދުކުރެވިފައިވާތީ، އެ ސަރަހައްދުތަކުން ދަތުރުނުކުރުމަށް އަނެއްކާވެސް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިލްތިމާސްކޮށްފި އެވެ.
މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ސަރަހައްދުތަކުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުން ރައްކާތެރިކަމަކަށް ނުވާތީ، މި ޗެނަލްތަކުން ދަތުރު ނުކުރުމަށް އަދިވެސް އެއްފަހަރު އިލްތިމާސްކުރާ ކަމަށެވެ.

މީގެކުރިންވެސް މިނިސްޓްރީން ވަނީ ތިލަމާލެ ބްރިޖުގެ ތަނބު އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާތީ، ގުޅީފަޅު އާއި ތިލަފުށީ ޗެނަލާ ދެމެދު ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިން އޮކްޓޯބަރު މަހުގެ ކުރީކޮޅު މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބު ވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ 45.8 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބުނެފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ މި މަސައްކަތް 2026 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ތިލަމާލެ ބްރިޖް