ޤައުމީ އެއާލައިން މޯލްޑިވިއަންގެ އައު ވައިޑް ބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ވައިގެ ދަތުރު މި މަހުގެ 23 ވަނަ ދުވަހު ޗައިނާގެ ޗެންގްޑޫއިން ރާއްޖެއަށް އަންނާނެކަމަށް އެ އެއާލައިންއިން ހާމަކޮށްފި އެވެ.
މި ދަތުރަކީ މޯލްޑިވިއަންގެ އައު އެއާބަސް އޭ330 މަތިންދާބޯޓުން ކުރާ ފުރަތަމަ ވައިގެ ދަތުރެވެ.
މޯލްޑިވިއަންއިން މި މަހު ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފަ އެވެ. މިގޮތުން ޗެންގްޑޫއަށް ދެކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ. އަދި 24 ވަނަ ދުވަހު ބެއިޖިންގއަށް ފުރަތަމަ ދަތުރު ކުރާއިރު، އެ މަންޒިލަށް ދެކޮޅު ޓިކެޓުގެ އަގަކީ 788 އެމެރިކާ ޑޮލަރެވެ. މީގެއިތުރުން 27 ވަނަ ދުވަހު ޝެންހާއީއަށް ފުރަތަމަ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޝެންހާއީއަށް ދެކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.
މި މަހުގެ 6 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ މި އައު މަތިންދާބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ހިމެނޭއިރު، 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. އަދި މި ބޯޓުގައި 10 ޓަނުގެ ކާގޯ އުފުލުމުގެ ޖާގަ ހިމެނެއެވެ.
މި އައު އެއާބަސް އޭ330 ބޯޓާއެކު މޯލްޑިވިއަން އެއަރލައިންސްގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވެގެން ގޮސްފައިވާއިރު، ޗައިނާގެ މި ތިން މަންޒިލަށް ދަތުރުތައް ފެށުމާއެކު މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތަކުގެ އަދަދު 22 އަށް އިތުރުވެގެންދާނެއެވެ.