ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތަކެއް ހުޅުމާލޭގެ މަގުތަކުން ޓޯކޮށްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން، ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ބެހެއްޓިފައިވާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ޓޯކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމަކީ މަގުތަކުގެ ތޮއްޖެހުން ލުއިކުރުމަށާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މާޙައުލެއް ގާއިމު ކުރެވޭނެކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
މިއީ ޓްރާންސްޕޯޓް މިނިސްޓްރީން ފުލުހުންނާއި އެޗްޑީސީއާއި އެމްޓީސީސީއާއި މާލެ ސިޓީ ކައުންސިލާއި ކަސްޓަމްސްއާއި ހައުސިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ހުޅުމާލެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން