އެއާ އެމްބިއުލެންސްގެ ޚިދުމަތް ތަޢާރަފްކުރި ފަހުން މިހާތަނަށް 700 އަށް ވުރެ ގިނަ ދަތުރުކޮށް، 804 މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދެއްގެ ގޮތުގައި މިދިޔަ އަހަރުގެ މާރިޗު މަހުގެ އެއްވަނަ ދުވަހު ފެށި މި ޚިދުމަތަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރި އެއާ އެމްބިއުލެންސްގެ ޚިދުމަތެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ ޑޭޝް މަރުކާގެ މަތިންދާ ބޯޓެކެވެ.
ހެލްތު މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދެމުންގެންދާ މި ޚިދުމަތަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ.
އެއާ އެމްބިއުލެންސްގެ ޚިދުމަތް ފެށިއިރު 15 ޞިއްޚީ ޚިދުމަތްތެރިން ހަރަކާތްތެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެ އެވެ.