ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން ސިޔާސީ ފައިދާ ހޯދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގާނޫނެއް ހެދުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ ރެކޯޑުތަކުންނާއި އަމިއްލަ ފަރާތްތަކުގެ ރެކޯޑުތަކުން ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ހޯދައި، ބޭނުންކުރުމަކީ ފަރުދުންގެ ދިރިއުޅުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.
ޓްރާންސްޕޭރެންސީން ވަނީ އެއްވެސް ހުއްދައެއް ނެތި، ނުވަތަ ރުހުމަކާ ނުލައި އެކި ފަރުދުންގެ ޒާތީ މައުލޫމާތު ސިޔާސީ ބޭނުންތަކަށް ބޭނުން ކުރެވޭގޮތަށް ފަހިވެފައި އޮތީ ކީއްވެގެންތޯ ބަލައި، އެ ކަމުގައި ބައިވެރިވާ ފަރާތްތަކާމެދު މިނިވަން ތަހުގީގެއް ހިންގައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
ސިޔާސީ ޕާޓީތައް ހިމެނޭހެން ކަމާގުޅުންހުރި ފަރާތްތަކަށް އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އެގޮތުން:
- އޮޅުވާލައިގެން ޕާޓީތަކަށް ވައްދާ މައްސަލަ ހާމަކަންބޮޑު ގޮތެއްގައި ތަހުގީގުކޮށް ފިޔަވަޅު އެޅުން
- ރައްޔިތެއްގެ ރުހުމަކާ ނުލައި މަކަރާ ހީލަތުން ހަދާފައިވާ ރެކޯޑުތައް ފޮހެލުން
- ޕާޓީތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، މި ފަދަ ކަންކަން މޮނިޓާ ކުރެވޭ ނިޒާމު ތައާރަފު ކުރުން
- އީސީން ހަރުދަނާ ވެރިފިކޭޝަން ނިޒާމެއް ގެންގުޅުން
- ހަރުދަނާ ޑާޓާ ޕްރޮޓެކްޝަން ގާނޫނެއް އެކުލަވާލައި ތަންފީޒު ކުރުން
މިހާރު ފެންމަތިވެފައިވާ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަންސްގެ ސިމަދަ ޕޯޓަލް މެދުވެރިކޮށް ކަރުދާސް ފޯމު ހުށަހެޅުމަށް މުއްދަތު ދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީފާސް މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު ގެނައުމަށް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.