ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާކަމަށް ތުހުމަތު ކުރާ ދެ ޕެންޓްހައުސް އަތުލަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންވެސް ތާއީދު ކޮށްފި އެވެ.
ހުޅުމާލޭ އަމީން އެވެނިއުގެ ދެ ޕެންޓްހައުސް ކަމަށްވާ A1205 އާއި A1206 ފުލުހުންނާ ހަވާލު ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ބައްސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބަލައިނުގަތުމުން ބައްސާމްގެ ފަރާތުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރުމަށް ހުށަހެޅި އެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިދިޔަ އާދީއްތަ ދުވަހު ނިންމާފައިވަނީ، ރަޖިސްޓްރާގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފަިއވަނީ، އަމުރު މުރާޖައާ ކުރުމަށް ފުރަތަމަ ހުށަހަޅަންޖެހޭނީ އަމުރު ނެރުނު ކޯޓަށް ކަމަށާއި އަދި އިސްތިއުނާފު ކުރެވޭނީ އެ މުރާޖައާ ކުރިގޮތް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ބަޔާންކޮށްފައިވެ އެވެ. ފަނޑިޔާރު މުހައްމަދު ޝަނީޒްގެ ރައުޔުގައި ވެސް ވިދާޅުވެފައިވަނީ، އިސްތިއުނާފު ކުރަންޖެހޭނީ ދަށު ކޯޓުން ރިވިއުކޮށް ނިންމި ގޮތް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ނުދެކޭ ކަމަށެވެ.
މި މައްސަލައިގައި އިސްފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔު ތަފާތެވެ. އިސްފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވެފައިވަނީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ކ) ގައިވާ އިބާރާތުގައި ބުނެފައިވަނީ، ވަގުތީ ފިޔަވަޅު ނިމުމަކަށް ގެނައުމަށް އެދި ކޯޓަކަށް ހުށަހެޅިދާނެ ކަމަށާއި އެއީ ކޮން ކޯޓެއްކަން ޤާނޫނުން ސާފުނުވާ ކަމަށެވެ. އެހެންކަމުން ރަޖިސްޓްރާގެ ނިންމުން ބާތިލުކުރަންޖެހޭ ކަމަށް ދެކޭކަމަށް ބުނެފައިވެ އެވެ.
ފުލުހުންގެ މީގެކުރިން ބުނެފައިވަނީ، މި ދެ ޕެންޓްހައުސްއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެފްއޭއެމްއިން ނެގި ލޯނެއްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަތް ޕެންޓްހައުސްތަކެއް ކަމަށެވެ. މި ޕެންޓްހައުސްތަކުގެ މައްސަލައިގައި މިފަހުން ޕީޖީން ވަނީ ބައްސާމްގެ މައްޗަށް ހިިޔާނާތްތެރިވުމުގެ ދައުވާކު އަދި މަނީ ލޯންޑްރިންގެ ދައުވާ ކޮށްފަ އެވެ.