ރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރުކުރަމުންދާ ހިންދޫ ފާދިރީއެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ”މާސްޓާ ދުރްގާ ރާއޯ ގުރުޖީ“ އާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެކަކާ ހިއްސާކުރުމުގެ ބަދަލުގައި، ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، ޤާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްއެއް ކޮށްފަ އެވެ. އެގޮތުން، މިފަދަ އިޝްތިހާރެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އެދިފަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއީ ރާއްޖޭގައި ރޫހާނީ ފަރުވާދޭ ކަމަށް ބުނެ ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ފުލުހުން ބަލަމުންދާ ފުރަތަމަ މައްސަލައެއް ނޫނެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުވެސް ވަނީ މިފަދަ ޚިދުމަތްތަކެއް ދޭ ކަމަށް ބުނި މީހަކު ހައްޔަރުކޮށް ޑިޕޯޓްކޮށްފަ އެވެ.