ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފައިވާ ދެ މީހަކު ހާޒިރުނުވުމާ ގުޅިގެން، އެ ދެ މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނުތަކުގައި ބުނެފައިވާ ގޮތުން، ހޯދަމުންދާ ދެ މީހުންނަކީ މ. ލަންސިމޫގެއާގެ އިބްރާހީމް ރަޝީދު (59) އާއި ގ. ރަނައުރާގެ ރިމާނާ މޫސާ (40) އެވެ. އިބްރާހީމް ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ރަހުނު ނުހިމެނޭ ފައިސާގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ އިބްރާހީމް ރަޝީދު މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ރިމާނާ މޫސާ ހޯދަމުންދަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށާއި، އޭނާ މި މަހުގެ 23 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން އެ މައުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.