ދިވެހި ފުލުހުންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ ފުންނާބު އުސް ތަމްރީނު މަރުކަޒުތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ މި މަހުގެ 12 އިން 17 އަށް ފުލުހުންގެ ވަފުދެއް އިންޑިއާއަށް ކުރި ދަތުރުގަ އެވެ.
މި އެއްބަސްވުންތަކުގެ ދަށުން ޚާއްސަ ތަޙުޤީޤުތަކާއި، ސައިބަރ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީ ފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ އެވެ.
ފުލުހުންގެ ވަފުދުން މި ދަތުރުގައި ބައްދަލުކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) ހިމެނެ އެވެ. މި މުއައްސަސާތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި އަދި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެ އެވެ.
އެންއެފްއެސްޔޫއިން ރާއްޖޭގައި ކެމްޕަހެއް ޤާއިމުކުރުމަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވި އެވެ. މީގެއިތުރުން، ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްޤީކުރުމަށް އެހީތެރިވުމަށްވެސް އެއްބަސްވެފައިވެ އެވެ.
އާރްއާރްޔޫއިން ވަނީ ފުލުހުންގެ 5 އޮފިސަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީ ފެންވަރުގެ ތަމްރީނުތައް ހިންގުމަށް އެއްބަސްވެފަ އެވެ.