ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަދި އެ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު، މާދަމާ ވަޒީފާއިން ރިޓަޔަރކުރައްވަން ނިންމަވައިފި އެވެ.
ތައުލީމީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އައިޝަތު ސޯލިހުގެ ވަދާއީ އެސެމްބްލީއެއް މާދަމާ މަޖީދިއްޔާ ސްކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިގްރީއާއި މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އައިޝަތު ސޯލިހު، އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީވެސް މަޖީދިއްޔާ ސްކޫލުގަ އެވެ.
އޭނާގެ ފަންނީ ކެރިއަރުގައި މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަޤާމުގެ އިތުރުން، ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުވެސް ފުރުއްވާފައިވެ އެވެ. މީގެއިތުރުން ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލުގައިވެސް މަސައްކަތްކުރައްވާފައިވެ އެވެ.