ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، އެމެރިކާގެ 50 ވަނަ ނައިބު ރައީސްގެ މަޤާމަށް ހުވާކުރެއްވި ޖޭމްސް ޑޭވިޑް ވޭންސްއަށް މަރުޙަބާ ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ލަޠީފް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެމެރިކާގެ ރައްޔިތުން ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނައިބު ރައީސް ވޭންސްގެ ކިބައިގައި ބަހައްޓަވާފައިވާ އިތުބާރާއި ޔަޤީންކަން ފާހަގަކުރައްވައިފައިވެ އެވެ. އަދި ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް ކުރިމަތިލުމަށް އެކުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވެ އެވެ.
ނައިބު ރައީސް ލަޠީފް ވިދާޅުވީ، ކުރިއަށް އޮތް ހަތަރު އަހަރަކީ ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކަށް އެކުގައި ހައްލު ހޯދުމަށް އާ އަޒުމެއް ގެނެސްދޭނެ ދުވަސްތަކެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އައު ވެރިކަމުގެ ދަށުން އެމެރިކާގެ ރައްޔިތުންނަށް އުޖާލާ އަދި ސުލްހަވެރި މުސްތަޤުބަލެއް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ނައިބު ރައީސް ލަޠީފް ވަނީ އޭނާގެ ރަސްމީ ’އެކްސް‘ އެކައުންޓުގައިވެސް ނައިބު ރައީސް ވޭންސްއަށް މަރުޙަބާގެ މެސެޖެއް ޕޯސްޓްކުރައްވާފަ އެވެ. މި މެސެޖުގައި އެމެރިކާގެ ރައްޔިތުންނާއި މުޅި ދުނިޔޭގެ ފައިދާއަށްޓަކައި ނައިބު ރައީސް ވޭންސްގެ ދައުރު ކާމިޔާބުވުމަށް އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ. ރައީސް މުޢިއްޒުގެ މެސެޖުގައި، ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާފައިވެ އެވެ.
އެމެރިކާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވަމުން، ޑޮނަލްޑް ޓްރަމްޕް މިރޭ ވަނީ އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާކުރައްވާފަ އެވެ. 1890 ގެ ފަހުން، އެއް ދައުރު ނިންމެވުމަށްފަހު ބަލިވެވަޑައިގެން، އަނެއްކާވެސް ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ފުރަތަމަ ރައީސަކަށް ވެވަޑައިގަތުމުގެ ޝަރަފު ޓްރަމްޕަށް ލިބިވަޑައިގެންފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - އެމެރިކާ އެމެރިކާ