އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންގެ ނަން މަޖިލީހުން ފާސްކޮށްފި އެވެ.
މި ނަންތައް މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި 3 ވަނަ ޖަލްސާގަ އެވެ. މި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 16:00 ގަ އެވެ.
އޭސީސީގެ ހުސްވެފައިވާ 2 މެންބަރުންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވި ނަންތައް:
- އަހުމަދު ނާޝިދު މއ. ގޯލްޑަން މޫން
- އަބްދުﷲ ނާޝިދު ފަސާނާ، ރ. އަލިފުށި
މި ދެ ނަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް މަޖަލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. ކޮމިޓީން ނިންމާފައިވަނީ މި ނަންތައް ފާސް ކުރަން ފެންނަ ކަމަށެވެ.
މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 68 މެންބަރުން ވަނީ ރައީސް ފޮނުއްވި ދެ ނަން ފާސް ކުރަން ފެންނަކަމަށް ވޯޓު ދީފަ އެވެ. މި މައްސަލައާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެ އެވެ.
އޭސީސީގެ ދެ މެންބަރުންގެ މަގާމު ހުސްވީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ ދެބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ މަގާމުން ދުރުކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލިސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ