މިދިޔަ އަހަރު ސަރުކާރުން ނެގި ލޯނުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން އާންމު ކުރި އިރު 5 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ނަގާފައިވާކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ލޯނު ކަރުދާހުގައިވާ ގޮތުން، މިދިޔަ އަހަރު ސަރުކާރުން ޖުމްލަ 334 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ) ގެ ލޯނު ނަގާފައިވެއެވެ. މި ލޯނުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށާއި، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ނެގި ލޯނުތައް ހިމެނެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލެ ފިޔަވައި އެހެން ރަށްރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ބިނާކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، މާލީ ނިޒާމު ހަރުދަނާކުރުމަށް ވެސް ލޯނު ނަގާފައިވެއެވެ. މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށާއި ރާއްޖޭގައި އަމިއްލައަށް ކާބޯތަކެތި އުފެއްދުމަށް އެހީތެރިވުމަށް ވެސް ލޯނު ނަގާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ޖުމްލަ 9 ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް އަދި ސެމީ ކޮންސެޝަނަލް ރޭޓުތަކުގައެވެ. މީގެ ތެރޭގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ފަރާތްތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގައެވެ. އަދި މި އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު ނެގި ގިނަ ލޯނުތަކަކީ ސިއްހީ ދާއިރާއާއި އުފެއްދުންތެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ނެގި ލޯނުތަކެއްކަން ފާހަގަ ކުރެވެ އެވެ.