ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ބާތިލު ކުރި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ބައިގެ އަޑު އެހުންތައް ނިންމާލައިފި އެވެ.
ވ. އާރަށުގެ މައްސަލައިގައި އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމަށް ފަހު ވަނީ އެ މައްސަލައިގައި ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު ބައެއް ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވެ އެވެ. އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބަޔާންކޮށެވެ.
އާ ހެކިތައް އެއް ފަރާތްކުރަން ހައިކޯޓުން އެންގި މައްސަލަ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މިއަދު މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ ދެ ފަރާތުންވެސް ފަހު ބަސް އިއްވާފަ އެވެ.
އެގޮތުން މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ، ހެކި ހާމަކުރުމުގެ ފުރުސަތު ކޮންމެ މަރުހަލާއެއްގައިވެސް އޮތްކަމަށެވެ. އަދި މި މައްސަލައިގައި ދަށު ކޯޓަށް އާހެކި ހުށަހަޅަން ބޭނުންވީ ހެކިވެރިޔާ ކަނޑައެޅިގެން ދޮގު ހެދިކަން އެނގޭތީ އެކަން ސާބިތު ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ޕީޖީގެ ވަކީލް ވިދާޅުވީ އެ ހެކިތަކަކީ މިހާރުވެސް ފާޅުކޮށްފައި ހުރި ހެކިތަކަކަށް ވުމުން އެ ހެކިތަކަށް ރިއާޔަތްކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި އެ ހެކިތައް އެއްފަރާތުގައި ބަހައްޓައި، އެއްވެސް ވަރަކަށް ރިއާޔަތްނުކޮށް ހުރުމުން އިންސާފުވެރިކަން ކަށަވަރުވާނީ ކިހިނެއްތޯ ސުވާލު އުފެއްދެވި އެވެ. މީގެއިތުރުން ޝާފީއު ވިދާޅުވީ އާ ހެއްކާ ބެހޭ އިޖުރާއަތު ވެސް ރަނގަޅު ކުރެވޭނެ ކަމަށެވެ.
ދައުލަތުގެ މި ވާހަކަތަކާ ގުޅިގެން ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ދައުލަތުން އާ ހެކި ހުށަހެޅުމަށް ފާހަގަ ކުރާ މާއްދާއަކީ ދައުލަތުން މި މައްސަލައިގައި ބުނާފަދަ ހެކި ހުށަހެޅުމަށް އޮތް އިޖުރާއަތެއް ނޫން ކަމަށެވެ. އަދި ހިންގާފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަން ޝަރީއަތުގެ އިބްތިދާއީ މަރުހަލާގައިވެސް ޔާމީންގެ ފަރާތުން ހާމަކުރި ކަމަށާއި އަދި އެކަން ސާބިތުކުރަން ބޭނުންވާ ހެކިވެސް ހާމަކުރިކަން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ ހެއްކަށް ރައްދުދީ ހެކި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޭރުވެސް އޮތްކަން ހަމްޒާ ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވަނީ މައްސަލައިގައި އަޑުއެހުންތައް ނިމުނުކަން ހާމަކުރައްވާ ދެން އޮންނާނީ ގޮތެއްކަނޑައެޅުންވެސް ކަން ހާމަކުރައްވާފަ އެވެ.
މި މައްސަލައިގައި ހައިކޯޓުގެ ހުކުމާއެކު ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ފެށިނަމަވެސް ޕީޖީން ސުޕްރީމް ކޯޓުގައި މައްސަލައިގެ ބައެއް އިސްތިއުނާފު ކޮށްފައި އޮތުމުން ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ނުގެންގޮސް ވަނީ މަޑުޖައްސާލާފަ އެވެ.
ހައި ކޯޓު ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)