ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިއްޔެ އަވަހާރަވުމާ ގުޅިގެން ޝުއައިބްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޝުއައިބު އަވަހާރަވުމަކީ ދިވެހި ގައުމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރުކަމުގައި ގައުމަށް މުހިންމު ހިދުމަތްތަކެއް ކުރައްވާފައި ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް އެމަނިކުފާނަކީ ހާއްސަ ހިދުމަތްތެރިއެއް ކަމަށެވެ.
”މަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރު ކުރައްވާށިއެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރު ކުރައްވާށިއެވެ. އާމީން،“ މިހެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޝުއައިބަކީ ފަނޑިޔާރުކަމުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ދިގު މުއްދަތުގެ ޚިދުމަތާއި، ޝަރުއީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ.
ޝުޢައިބުއަކީ، ގަތަރުގެ ގަތަރު ޔުނިވަރސިޓީ އިން ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ޙާޞިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.
ޝުއައިބް ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރ ކަމާއި ޚާއްޞަ ޤާޟީ ކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ.
ޝުއައިބް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާޗް 26 ވަނަ ދުވަހުއެވެ. އަދި 22 ނޮވެންބަރު 2022 ގައި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާވަނީ ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅި ކުރައްވާފައެވެ.