1446 ވަނަ އަހަރުގައި ރާއްޖޭގެ ރައްޔިތުނަށް ބެހުމަށްޓަކާއި ސައުދީ އިން ހަދިޔާ ކުރި ކަދުރު މިއަދު ބަހަން ފަށާފި އެވެ.
ސައުދީއިން ރާއްޖެއަށް ހަދިޔާކުރީ 50 ޓަނު ކަދުރު ކަމަށްވާ އިރު އިސްލާމިކް ކަންކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރުކަމަށެެވެ.
އެގޮތުން އިސްލާމިކް ކަންކަމާ ބެހޭ ވުޒާރާއިން ބުނީ ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި، ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުކަމަށެވެ. މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ 6 ގެ ނިޔަލަށް ކަދުރު ބެހުމަށް ހަމަޖެހިފައިވާއިރުގައި މާލޭ ސަރަޙައްދުގައި މި ދުވަސްތަކުގައި ހެނދުނު 09:30 އިން މެންދުރު 13:00 އާ ހަމައަށް މި މަސައްކަތް ކުރިއަށްދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެ އެވެ.
މިއަހަރުގައި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާންމަހުގެ އިފްތާރު ޕްރޮގްރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭގޮތަށް ހަމަޖެހިފައިވާކަމަށާއި އެ ޖަމިއްޔާތަކުން ޝައުގުވެރިވާނަމަ އެ ވުޒާރާގައި ނަންނޯޓު ކުރުމަށް ވެސް އިސްލާމިކް ކަން ކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފަ އެވެ.
ސައުދީ އިން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރާ އިރު، މި އަހަރު ސައުދީ އިން ހަދިޔާ ކުރި ކަދުރު ރާއްޖެ ގެނައީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.