”ވަން-ސްޓޮޕް އެޑްމިޝަން“ ގެ ނަމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން އެ ޔުނިވާސިޓީގެ ކޯސްތަކުގެ މަޢުލޫމާތު ފޯރުކޮއްދިނުމަށް އަމާޒުކޮށް ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މި ހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ 21 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އިން ހަވީރު 16:00 އަށެވެ.
އެމްއެންޔޫ އިން ބުނީ، މި ހަރަކާތްތަކުގެ ތެރޭގައި، ކެރިއަރ ގައިޑެންސް ފޯރުކޮއްދިނުމާއި، އެ ޔުނިވާސިޓީގެ ކޯސްތަކާއި ގުޅޭ މަޢުލުމާތު ހޯދުމުގެ އިތުރުން ވަގުތުން އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި ކަމަށެވެ.
މީގެ އިތުރުން، އޭ ލެވެލް ފުރިހަމަކުރުމަށްފަހު މި އިވެންޓަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ނަތީޖާއަށް ބެލުމަށްފަހު، ޝަރުތު ހަމަވާނަމަ އެދޭ ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.