ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެންބަރު މޫމިނާ ވަހީދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެެވެ.
އެޗްއާރްސީއެމްގެ ނައިބުރައީސްގެ މަގާމަށް މޫމިނާގެ ނަން މަޖިލީހަށް ފޮނުމުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކޮށްފަ އެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސަކަށް މޫމިނާ އައްޔަނު ކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، މޫމިނާއަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މޫމިނާ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައްޔަންކޮށްފައި ވަނީ 8 ސެޕްޓެމްބަރު 2020 ގަ އެވެ.
މޫމިނާގެ އިތުރުން އެޗްއާރްސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ، މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު، މެންބަރު ސަމާއު އަހްމަދު ނަޖީބް އަދި މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހްމާން އެވެ.