ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.
ފަނޑިޔާރު ޝުއައިބް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ކަށު ނަމާދު އޮތީ މިރޭ 23:00 ގައި އާސަހަރާ މިސްކިތުގަ އެވެ. ނިޔާވިއިރު އުމުރުފުޅަކީ 55 އަހަރެވެ.
ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވަނީ، ޤަތަރުގެ ޤަތަރު ޔުނިވާސިޓީއިން ޤާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ހާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފަ އެވެ.
އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ޤާޟީ ކަމާއި، އާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޟީކަން ހިމެނެއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. އަދި 2022 ނޮވެންބަރު 22 ގައި ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅި ކުރައްވާފައިވެ އެވެ.