ރާއްޖޭގައި ތިބި ތެލްސީމިއާ ކުދިންގެ ތެރެއިން މިދިޔަ އަހަރު ބޯން މެރޯ ހެދުމަށް ފޮނުވި 6 ކުއްޖަކު ބޯން މެރޯ ހެދުމަށްފަހު ރާއްޖެއައިސްފި އެވެ.
ބޯންމެރޯ ހެދުމަށް މިިދޔަ އަހަރު ފޮނުވި 1 ކުއްޖަކު ވަނީ ނިޔާވެފައެވެ. ބޯންމެރޯއަށްފަހު 3 މަހާއި 6 މަހުގެ މުއްދަތެއް އެ ކުދިން ފަރުވާގައި ރާއްޖެއިން ބޭރުގައި ހޭދަކުރެ އެވެ. ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މިއަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މީގެތެރެއިން ފުރަތަމަ 5 ކުދިން ވަނީ ބޯންމެރޯ ސްޕެޝަލިސްޓް ރިވިއު ކުރުމަށްފަހު ބޯންމެރޯގެ ކުރިއަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށާފައެވެ. ސިއްޙީ ވުޒާރާއިން ވިދާޅުވީ ބޯންމެރޯ ހެދުމުގެ ލިސްޓުގައި މިވަގުތު 22 ކުދިން އެބަތިބިކަމަށެވެ. އެގޮތުން މައުލޫމާތު ލިބޭގޮތުގައި ބޯންމެރޯހެދުމަށް ރާއްޖެއިން ބޭރުގައި މިހާރުވެސް 7 ކުދިން އެބަތިބި އެވެ.
މިދިޔަ އަހަރުގެ އެކި ދުވަސްވަރުގެ މަތިން 14 ކުއްޖަކު ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އޭގެތެރެއިން 6 ކުއްޖަކު މިހާރު ބޯން މެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހެދުމަށްފަހު ރާއްޖެވަނީ އައިސްފަ އެވެ.
ކޮންމެ އަހަރަކުވެސް 10 ކުދިން ބޯންމެރޯ ހެދުމަށް ފޮނުވުމަކީ ސަރުކާރުގެ ވައުދެކެވެ.