އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓަށް ހުށަހަޅާ އެކޯޓުން ބެލުމުން އިސްތިއުނާފީ މަރުހަލާތައް ނިމުނީ ކަމަށާއި، މިފަދަ މައްސަލަތަކުގައި ހައިކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އޮގަސްޓް 2022 ގައި އަމިއްލަ ފަރާތަކުން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ފޯމު ހުށަހެޅީ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށެވެ. އެގޮތުން ހޯދަން އެދުނު މައުލޫމާތު ތަކުގެ ތެރޭގައި، އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގައި މިނިސްޓްރީއާއި އާރްޑިސީއާއި ދެމެދު ވެފައިވާ އެއްބަސްވުން ހޯދުމަށްވެސް އެދިފައިވެ އެވެ. މިކަމުގައި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމާފައިވަނީ މި މައުލޫމާތުތައް ހާމަކުރެވެން ނެތްކަމަށެވެ. މިކަން އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ ހާމަކުރުމަށް އިންކާރުކުރި މައުލޫމާތުތައް ފަސް ދުވަހުގެ ތެރޭގައި ހާމަކުރުމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މި ނިންމުން މިނިސްޓްރީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ވަނީ މި ނިންމުމަށް ތާއީދުކޮށްފަ އެވެ. އެހެންކަމުން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މައްސަލަ ސުޕްރީލް ކޯޓަށް ހުށަހެޅި އެވެ.
ސުޕްރީމް ކޯޓުން މިއަދު މި މައްސަލައިގައި ހުކުމް ކޮށްފައިވާއިރު، ފަނޑިޔާރު މަހާޒުގެ ރައުޔު ދެންތިއްބެވި ދެ ފަނޑިޔާރުންނާ ތަފާތެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ، މި މައްސަލައަކީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ މައްސަލައެއްކަމުގައި ނުދެކޭ ކަމަށެވެ. އެއީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި، އައިކޮމްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ 30 ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި މި މާއްދާގެ (ށ) ގައި، އައިކޮމްގެ ނިންމުމުގެ މައްސަލަ ޝަރުއަރީ ކޯޓަކުން ބެލޭނީ، އެ މާއްދާގެ ދަށުން ކުރާ އިލްތިމާސް މަރުހަލާގައި އެކަނިކަމަށް ބުނެފައިވާކަން ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވި އެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ، ހައިކޯޓުގައި އިލްތިމާސް ކުރުމުގެ ފުރުސަތު އޮތްވާހަކަ ބަޔާންކޮށްފައިވާއިރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާމެދު ވަކި އެއްޗެއް ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އަދި ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) ގައި ”ޝަރުއީ ކޯޓުތަކުގެ“ ބަދަލުގައި ލިޔެފައިވަނީ ”ޝަރުއީ ކޯޓަކުން“ މިގޮތަށް ކަމަށާއި، މިކަމުން އިސްތިއުނާފީ އެހެން މަރުހަލާތައް ސާފު އިބާރާތުން އިސްތިސްނާ ކޮށްފައިވާ ކަމަށް ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވި އެވެ.
”ކަންމިހެން އޮތުމުން މިއީ މައުލޫމާތު ހޯދަައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ ގުޅިގެން ހައިކޯޓުން ނިންމާ ނިންމުމަކީ، އެފަދަ މައްސަލަތަކުގައި ޝަރުއީ ކޯޓުތަކުން ނިންމާ ފަހުގެ ނިންމުން ކަމުގައި އެ ޤާނޫނުގެ ބޭނުމަށް ބަލަންޖެހެ އެވެ.“ ފަނޑިޔާރު މަހާޒު ވިދާޅުވެފައިވެ އެވެ.
މިހާރުވެސް ބައެއް ޤާނޫނުތަކުގައި ފުރަތަމަ މަރުހަލާގެ ކޯޓުތަކުން ނިންމާ ބައެއް ނިންމުންތަކަކީ، އިސްތިއުނާފު ކުރުމުގެ ފުރުސަތު ނެތް ނިންމުންތަކެއްކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ. އެކަމުގެ ބައެއް މިސާލުތައް ފާހަގަ ކުރައްވާފައިވާއިރު އޭގެތެރެއިން އެއް މިސާލަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑްރަގް ކޯޓުގެ ނިންމުންތަކެވެ.
އެހެންކަމުން މައުލޫމާތު ހޯދަައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅާ މައްސަލަތަކަކީ، އެ ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން އިސްތިއުނާފު މަރުހަލާ ނިމިގެންދާނެ މައްސަލަތަކެއް ކަމުގައި ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓަށް ހުށަހަޅާ އެކޯޓުން ބެލުމުން އިސްތިއުނާފީ މަރުހަލާތައް ނިމުނީ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިނަމަވެސް، މި މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔު މި މައްސަލައިގައި ތަފާތެވެ.
އެ ދެ ފަނޑިޔާރުންގެ ރައުޔުގައި ވިދާޅުވެފައިވަނީ، މައްސަލައިގައި ހިމެނޭ އެއްވެސް ޚަސްމެއް ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް އޮތްކަމުގައި ބުނެ އިއުތިރާޒު ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ތެރެއިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 64 ވަނަ މާއްދާއަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ އިހްތިސާސާމެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.
ހައި ކޯޓު އިންފޮމޭޝަން ކޮމިޝަނަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ސުޕްރީމް ކޯޓު