ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތުގައި ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ރޭ 10:53 ހާއިރު ވަނީ ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފަ އެވެ.
ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާއި ގުޅޭގޮތުން ސްޓްލްކޯ އިން ބުނީ، ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތުގައި ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވުމުގެ ސަބަބުން ކަމަށެވެ. އަދި ސްޓެލްކޯއިން ފަހި ދިރިއުޅުން ފްލެޓްތައް އެޅުމަށް ކޮނެފައިވާ ސަރަހައްދުގެ ފޮޓޯތައްވެސް ހާމަކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މި މައްސަލައިގައި ކަރަންޓު މެދުކެނޑި ރައްޔިތުންނަށް ދިމާވި ދަތިތަކަށް މަޢާފަށްވެސް އެދިފައިވެއެވެ.
ކަރަންޓު ކެނޑުމަށްފަހު، ހުޅުމާލެެއަށް އެއްކޮށް ކަރަންތު ދެވިފައިވަނީ ދަންވަރު 2:00 ހާއިރު އެވެ.
އެންމެފަހުން ކަރަންޓު ދެވިފައިވަނީ އެމްޕީއެލް ފްލެޓްތައް ހުންނަ ސަރަހައްދަށެވެ. ސްޓެލްކޯ އިން ބުނިގޮތުގައި އެ ސަރަހައްދަށް ކަރަންޓު ދިނުމަށް ލަސްތަކެއް ކުރިމަތިވީ އެމްޕީއެލް ފްލެޓް ހުންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓްރާންސްފޯމަރު ހުރުމާއެކު، ފީޑަރ ޓްރިޕްވާން މެދުވެރިވި ސަބަބު ހޯދުމަށް އިތުރު ވަގުތު ނެގުމުން ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް އިތުރު ހައިވޯލްޓޭޖް ކޭބަލެއް އެނަޖައިޒްކުރަން ޖެހުނުކަމަށް އެ ކުންފުނިން ބުންޏެވެ.