ކުރީ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އަމީނީ މަގު ހެދުމުގެ މަޝްރޫއުއާ ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފި އެވެ.
އޮގަސްޓް 2022 ގައި އަމިއްލަ ފަރާތަކުން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ފޯމު ހުށަހެޅީ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށެވެ.
އެގޮތުން ހޯދުމަށް އެދިފައިވަނީ، އަމީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތަފްސީލީ ޑިޒައިން ކުރެހުންތައް، އަމީނީ މަގު އަލުން ހެދުމުގެ ތެރޭގައި އެއްވެސް ގަހެއް ނަގާ ނުވަތަ ކަނޑާނެ ނަމަ އެކަން ކުރުމަށް ރާވާފައިވާ ގޮތް، އަމީނީ މަގު ރީޑިވެލޮޕްމަންޓް މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް ސާވޭއެއް ކުރެވިފައިވާނަމަ އެކަމާ ގުޅޭ މައުލޫމާތު، ފާސްކޮށްފައިވާ ވާކް ޕްލޭން އަދި ޝެޑިއުލް އަދި މިނިސްޓްރީއާއި އާރްޑިސީއާއި ދެމެދު މިކަމާއި ގުޅޭގޮތުން ހެދިފައިވާ އެއްބަސްވުމެވެ. މިކަމުގައި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމާފައިވަނީ މި މައުލޫމާތުތައް ހާމަކުރެވެން ނެތްކަމަށެވެ.
މިކަން އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ ހާމަކުރުމަށް އިންކާރުކުރި މައުލޫމާތުތައް ފަސް ދުވަހުގެ ތެރޭގައި ހާމަކުރުމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މި ނިންމުން މިނިސްޓްރީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ވަނީ މި ނިންމުމަށް ތާއީދުކޮށްފަ އެވެ. އެހެންކަމުން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މައްސަލަ ސުޕްރީލް ކޯޓަށް ހުށަހެޅި އެވެ.
މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ނިންމާފައިވަނީ މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އަޣުލަބިއްޔަތުންނެވެ.
މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު މަހާޒު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލޭނެ އެންމެ ފަހު މަރުހަލާއަކީ ހައިކޯޓު ކަމަށެވެ. އަދި އެފަދަ ނިންމުންތަކުގެ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.
އަމީނީ މަގު އިންފޮމޭޝަން ކޮމިޝަނަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ސުޕްރީމް ކޯޓު
