ކުރަނގިގެ ދަށުން 25،483 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނަގައިފި

Advertisement

އެންމެ ފަސް

Advertisement

”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން މިހާތަނަށް 25،483 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނެގިއްޖެ އެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިއްޔެއަކީ ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން މާލެ ސަރަހައްދުގެ ޕްރައިވެޓް ސެކްޓަރ އަދި އާންމު ތަންތަނަށް ފުޅާ ދާއިރާއެއްގައި ޒިޔާރަތްކޮށް މަސައްކަތް ކުރެވުނު ދުވަހެއް ކަމަށެވެ.

މިނިސްޓަރ އިހުސާން ވިދާޅުވި ގޮތުގައި އިއްޔެ ކުރެވުނު މަސައްކަތުން ވަނީ 1،455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަން އަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަޕްޑޭޓް ކުރެވިފަ އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބު ކުރެއްވި އިރު މި އޮޕަރޭޝަންގައި ވާނީ 10،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނެގުނު ވާހަކަ އިޢުލާން ކުރައްވާފަ އެވެ. އޭގެ ފަހުން މިދިޔަ 2 މަސް ތެރޭ ވަނީ އިތުރު 15،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގައި، މުޅި އޮޕަރޭޝަންގައި މިއަދާ ހަމައަށް 25،483 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނެގިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އަލީ އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތް هللا ގެ އިރާދަފުޅާއެކު ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ކަމަށެވެ.

މި މަސައްކަތުގައި މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމަންޓް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މުޅި ހޯމް ސެކްޓަރގެ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރައްވާ ބުރަ މަސައްކަތަށް މިނިސްޓަރ ޝުކުރު ދެންނެވި އެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެ، ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީންގެ މައްސަލަ އޮޕަރޭޝަން ކުރަނގި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ