ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 39 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ފަށައިފި އެވެ.
ފުލުހުންގެ ހިދުމަތުން ބުނީ، އެ ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަބްދުއް ރަހްމާން އެވެ. އަދި އެ ރަަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވި އެވެ.
މިއަދުން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހުގައި 210 ފުލުހުން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުން ކަަމަށް އެ ހިދުމަތުން ބުނެ އެވެ.
ފުލުހުންގެ ހިދުމަތުން ބުނީ، ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.
އެ ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެ ކަމަށް ވެސް އެ ހިދުމަތުން ބުނެ އެވެ.
