މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި 2،485 ކައިވެނި ކޮށްދެވިފައިވާ ކަމަށާއި 1،326 ވަރި ވެފައިވާކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އާންމު ކުރި މިދިޔަ އަހަރުގެ އުސްއަލިތަކަށް ބަލާއިރު މިދިޔަ އަހަރު އެ ކޯޓުން ވަނީ 2،485 ކައިވެނިކޮށްދީފަ އެވެ. އަދި 1،326 ވަރި ވަނީ ރެޖިސްޓާ ކޮށްފަ އެވެ. މިދިޔަ އަހަރު ފެމިލީ ކޯޓުން ވަނީ ރާއްޖޭން ބޭރުގައި ކޮށްފައިވާ 181 ކައިވެނި ރަޖިސްޓާކޮށްދީފަ އެވެ.
ފެމިލީ ކޯޓުގެ 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު މިދިޔަ އަހަރު ކުރެވުނު ކައިވެނީގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު 60 ކައިވެނި އިތުރަށް ކޮށްދީފައިވެ އެވެ. މިދިޔަ އަހަރު ކުރި ވަރީގެ އަދަދުވެސް ވަނީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ވަނީ 45 ވަރި އިތުރުވެފަ އެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ވަރި ގިނަ ގައުމުކަން ފާހަގަކޮށްލެވެ އެވެ.
މިދިޔަ އަހަރު 163 ދިވެހި ބިދޭސީ ކައިވެނި ކޮށްދެވުނުކަމަށް ފެމިލީ ކޯޓުން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފިރިހެނުންނާއި ބިދޭސީ އަންހެނުންނާ ދެމެދު ކުރެވުނު 118 ކައިވެންޏާއި ބިދޭސީ ފިރިހެނުންނާއި ދިވެހި އަންހެނުންނާ ދެމެދު ކުރެވުނު 45 ކައިވެންޏެވެ.
މީގެ އިތުރުން ފެމިލީ ކޯޓުން ކުރިއަށް ގެންދިޔަ ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި 3،428 މީހުން ބައިވެރިވެފައިވާކަމަށް އެ ކޯޓުން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 1،746 ފިރިހެނުންނާއި 1،682 އަންހެނުންނެވެ.
މިދިޔަ އަހަރު ފެމިލީ ކޯޓުގެ އާއިލީ މައްސަލަތައް ހައްލު ކުރުމާ ބެހޭ ބަޔަށް 227 މައްސަލަ ހުށަހެޅުނު އިރު 119 މައްސަލައަކަށް ވަނީ ސުލްހަވެރި ހައްލެއް ގެނެވިފަ އެވެ. އަދި ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމަށާއި ވަރިވެފައިވާ ދެމީހުންގެ ދަރިން ބެލުމާ ގުޅޭ ގޮތުން 6 އެއްބަސްވުމެއް ލިޔުމުން ވެފައިވާކަމަށް ފެމިލީ ކޯޓުން ބުނެ އެވެ.
ފެމިލީ ކޯޓަށް ހާޒިރުވުމަށް އަންގާ 12،096 އަމުރު ފޮނުވާފައިވާއިރު 4،101 ޝަރީއަތުގެ އަޑުއެހުން ބާއްވާފައިވެ އެވެ. 2023 ވަނަ އަހަރު ނިމުނު އެ ކޯޓަށް ނުބެލި ބާކީ ހުރީ 318 މައްސަލަ އެކެވެ. މިދިޔަ އަހަރު ޖުމުލަ 2،293 މައްސަލަ ހުށަހެޅުނު އިރު 2،370 މައްސަލައެއް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ފެމިލީ ކޯޓުން ނުނިމި އޮތީ 241 މައްސަލަ އެވެ.
