ރޯދަމަހަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުތަކުގެ ސައިޒް ކުޑަކުރަން އުޅޭކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދަމަހަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުތަކުން 40 ގްރާމް މަސް އުނިނުވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިފްކޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، 140 ގްރާމުގެ މަސްދަޅު ބާޒާރަށް ނެރެފައިވަނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ. މިފްކޯއިން ފާހަގަކޮށްފައިވާ ގޮތުގައި މަސްދަޅު ފްރިޖުކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ، މި ސައިޒުގެ މަސްދަޅު ނެރެފައިވަނީ އެއްފަހަރާ ބޭނުންކޮށްލެވޭ ގޮތަށެވެ.
މީގެ ކުރިން މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ރޯދަމަހު ކޮންމެ ގެއަކަށް 48 މަސްދަޅު ދޭން ވަނީ ނިންމާފައެވެ. މިއީ ސަރުކާރުން އަންނަ ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދިނުމަށް ނިންމި ނިންމުމާ ގުޅިގެން އައި ނިންމުމެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އަންނަ ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭން ނިންމާފައިވާކަން އިއުލާންކުރެއްވިއެވެ. މިއީ ސަރުކާރުން ރައްޔިތުންނަށް ދޭ އިތުރު ލުޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި، މި އަދަދަށް މަސްދަޅު ދޫކުރުމަށްޓަކައި މިހާރު މަސްކޭސް އުފައްދަމުން އަންނަވަރަށް ވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު ކޭސް އުފައްދަން ޖެހޭނެއެވެ. މިއީ މިފްކޯއަށް ބޮޑު ގޮންޖެހުމެއް ކަމުގައިވިޔަސް، ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ ތައްޔާރުވެފައެވެ.
