މާލޭގައި ހުރި އޮފީހެއް ފަޅާލާ ލައްކައަކަށްވުރެ ގިނަ ރުފިޔާ އަދި އިތުރު ތަކެތި ވަގަށް ނެގި މީހަކަށް ޖަލު ހުކުމެއް އިއްވައިފި އެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ތ.ކިނބިދޫ / ފިތުރޯނުގެ، މުހައްމަދު އިލްހާމްގެ މައްޗަށެވެ. މީނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 26 އޮގަސްޓް 2022 ވަނަ ދުވަހު މާލޭގައި ހުންނަ ”ތައި ޝޮޕް“ގެ އޮފީހަށް ވަދެ، އެ އޮފީހުން ވައްކަން ކޮށްފައިވާތީ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީނާގެ މައްޗަށް މި މައްސަލައިގައި، މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އަދި ވައްކަން ކުރުމުގެ ދައުވާ ކޮށްފައިވެ އެވެ.
މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކޮށްފައިވަނީ ”ތައި ޝޮޕް“ގެ އޮފީހުގެ ވައިގޮޅީގެ ކުޑަދޮރަށް ގެއްލުންދީފައިވާތީއާއި، އެ އޮފީހުގައި ހުރި ތިޖޫރީއަކަށް ގެއްލުންދީފައިވާތީ އެވެ. އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ކޮށްފައިވަނީ އެ ފޮީޙުގެ ވެރިފަރާތުގެ ހުއްދަނެތި ވަދެފައިވާތީ އެވެ. އަދި ވައްކަން ކުރުމުގެ ދައުވާ ކޮށްފައިވަނީ، އެ އޮފީހުގެ ތިޖޫރިއާއި ތިޖޫރީގައި ހުރި 100،000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާއާއި، ޗެކް ފޮތަކާއި، ތައިލެންޑްގެ 6 ޕާސްޕޯޓާއި، ބަންގްލަދޭޝް ޕާސްޕޯޓަކާއި، އެހެނިހެން ޑޮކިއުމަންޓު އަދި އެ އޮފީހުގެ މޭޒު މަތީގައި ހުރި ވަކިލާރި ދަޅެއް ވަގަށް ނަގާފައިވާތީ އެވެ.
މި ދައުވާތަކަށް މީނާ ކްރިމިނަލް ކޯޓުގައި އިންކާރު ކުރުމުން ދައުލަތުން ވަނީ މައްސަލައިގައި ހެކި ހާމަކޮށްފަ އެވެ. އެގޮތުން ސީސީޓީވީ ފުޓެޖާއި، އޭގެ ރިޕޯޓު އަދި ރިޕޯޓުތައް ތައްޔާރުކުރި އޮފިސަރުން އަދި ސީން އޮފް ކްރައިމް ރިޕޯޓު ހުށަހަޅާފައިވެ އެވެ. ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދިންނަމަވެސް މީނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
މި މައްސަލައިގައި މިދިޔަ ބްރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މީނާގެ މައްޗަށް ކޮށްފައިވާ ތިން ދައުވާވެސް ސާބިތުވާ ކަމަށެވެ. އެގޮތުން ވައްކަމުގެ ދައުވާ ސާބިތުވާތީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތުވާތީ 3 މަހަށް ޖަލަށްލުމަށް އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ސާބިތުވާތީ 9 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓު ވައްކަމާއި ފޭރުން ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)
