ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި އައު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ ތެރޭގައި ފެހުރިހި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވަންޖެހޭ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ފެހުރިހި ބަލަން ފަތުރުވެރިން ގޮވައިގެން ދާ އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި، ފެހުރިހި ބެލުމަށް ފަތުރުވެރިން ގޮވައިގެން ގޮސް އުޅޭ ގޮތް މޮނިޓަރ ކުރުމަށް ޚާއްސަ ލޯންޗެއް ބޭނުންކުރުން ހިމެނެއެވެ.
”ރާއްޖޭގައި 93 ސަރަހައްދެއް ހިމާޔަތްކޮށްފައި އޮތްނަމަވެސް، އޭގެ ތެރެއިން ބެލެހެއްޓެނީ އެންމެ 5 ތަނެއް. އޭގެ ތެރޭގައި އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ސަރަޙައްދެއް,“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ރައްކާތެރިކަމާއެކު ފެހުރިހި ބެލޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ޚާއްސަ ޤަވާއިދެއް ގެޒެޓްކުރާނެއެވެ. މި ފިޔަވަޅުތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ތަންފީޛު ކުރަން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު އެކުލަވާލި އައު ޤާނޫނީ އުސޫލުގައި ފެހުރިހި ހިމާޔަތްކުރުމުގައި ސަމާލުވާންވީ ކަންކަމާއި، އަނިޔާވެފައިވާ ނުވަތަ ބަލިވެފައިވާ ފެހުރިއްސާ މެދުގައި އަމަލުކުރާނެ ގޮތް ހިމަނާފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިދިޔަ ހަފްތާގައި އާޖެންޓީނާގެ ފަތުރުވެރިއެއްގެ ބޮލުގައި ލޯންޗެއްގެ ބުރަފަތިން ޖެހި އޭނާ މަރުވެފައިވާ ހާދިސާއާ ގުޅިގެން، ބުރަފަތީގައި ގާޑު އެޅުވުމަކީ މޫދުގައި އުޅޭ މީހުންނަށް ވެސް ރައްކާތެރި ގޮތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި އައު ފިޔަވަޅުތަކަކީ ފެހުރިހި ހިމާޔަތްކުރުމަށާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުންވެސް ބުނެ އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
