އެކި ހިސާބުތަކުން ވައި ނުސާފުވެއްޖެ، އެންމެ ބޮޑަށް އަސަރު ކުރީ މާލެ ސަރަހައްދަށް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވައިގެ ސާފުމިން ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފި އެވެ.

މި ކަމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ރައްޔިތުންނަށް ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

ވައިގެ ކޮލިޓީ ދައްކުވައިދޭ ”އައިކިއު އެއަރ“ އެޕްލިކޭޝަނުން ދައްކާ ގޮތުގައި މިވަގުތު ހޭޒްގެ އަސަރު އެންމެ ބޮޑަށް ކުރަނީ ވިލިމާލެ ހިމެނޭ ސަރަހައްދަށެވެ. އެ ސަރަހައްދުގައި ވައިގެ ނުސާފުމިން ހުރީ 156ގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއީ ސިއްހަތަށް ނުރަނގަޅު ހާލަތެކެވެ.

މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 67ގައި ކަމަށާއި، މިއީ މެދުމިންވަރެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ނަމަވެސް ސިއްހީ ހާލަތު ނާޒުކު ފަރާތްތައް މި މިންގަނޑުގައި ބޭރަށް ނުކުމެ އުޅުމުން ދުރުހެލިވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ވިލިމާލެއަށްފަހު ހޭޒްގެ މިންވަރު އެންމެ މަތީ ނ. މަނަދޫގައި ކަމަށާއި، އެ ސަރަހައްދުގެ ވައިގެ ނުސާފުމިން ހުރީ 86ގައި ކަމަށް އެޗްޕީއޭ އިން މަޢުލޫމާތު ދީފައިވެއެވެ. މިވަގުތު މުޅި ރާއްޖެއިން ވައި އެންމެ ސާފުކަމަށް ދައްކަނީ ފުވައްމުލަކު ސިޓީ ހިމެނޭ ސަރަހައްދަށް ކަމަށާއި، އެ ސަރަހައްދުގެ ވައިގެ ސާފުމިން ހުރީ 22 ގައި ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންކަން ހިއްސާކޮށް، އެ ކަންކަމަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އާންމު ހާލަތުގައި ވައިގެ ނުސާފުމިން ހުރުން ރަނގަޅީ 0-50 އާ ދެމެދުގައި ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ހޭޒްގެ ސަބަބުން ސިއްހަތު ރަނގަޅު މީހުންނަށްވެސް ލޮލާއި ނޭފަތާއި ކަރުގައި ރިއްސުން އެކަށީގެންވާ ކަމަށާއި، ނަމަވެސް ނޭވާ ހިއްލުމާއި ހިތުގެ ބަލިތައް ޖެހިފައިވާ މީހުންގެ ހިތާއި ފުއްޕާމެއަށް ހޭޒްގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް އެޗްޕީއޭ އިން އިންޒާރުދީފައިވެއެވެ. މި ހާލަތުގައި ބޭރަށް ނުކުންނަ ނަމަ މާސްކެއް ބޭނުންކުރުމަށް އެ އިދާރާއިން ލަފާދީފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ