ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލާއެކު އެއްބަސްވުމަކަށް އައިސްފައިވާއިރު، ޣައްޒާގެ އާރާސްތުވުމާއި އަލުން ބިނާކުރުން އެހީތެރިވުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން މިގޮތަށް ގޮވާލީ ނޯވޭގައި ބޭއްވުނު ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމަށް އުފެދިފައިވާ ގްލޯބަލް އެލަޔަންސްގެ 3 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރު އެވެ.
ސަފީރު ޝާން ވަނީ ޣައްޒާގެ އާރާސްތުވުމާއި އަލުން ބިނާކުރުމަށް ވަސީލަތްތަކާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފަ އެވެ. އަދި ޣައްޒާ އަލުން ބިނާކުރުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލައި، ފަލަސްޠީނާއެކު މަސައްކަތްކުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މީގެއިތުރުން، އދ. ގެ ފަލަސްޠީނު ރެފިއުޖީ އެޖެންސީ (އަންރުވާ) ހުއްޓުވުމަށް އިސްރާއީލުން ކުރާ މަސައްކަތް ހުއްޓުވައި، އަންރުވާގެ މަސައްކަތަށް ބާރުއަޅައި ދެމެހެއްޓުމަށް ދުނިޔޭގެ ޤައުމުތަކަށް ސަފީރު ޝާން ވަނީ ގޮވާލައްވާފަ އެވެ.
މި ގޮވާލުން އައިސްފައިވަނީ 460 ދުވަހަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ފަލަސްޠީނުގެ ހަމާސް ޖަމާޢަތުން އިސްރާއީލާއެކު އެއްބަސްވުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް 46،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފަ އެވެ.
މި އެއްބަސްވުމާމެދު އިސްރާއީލުން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވިނަމަވެސް، އިއްޔެ އިސްރާއީލު ސަރުކާރުން މިކަމާމެދު ވޯޓެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ އިންތިޚާބުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހާމަކުރައްވާފަ އެވެ. ނަމަވެސް އެ ވޯޓު ނެގިކަމެއް އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.
މި އެއްބަސްވުމަށް ވާސިލްވެވުނުކަން އިޢުލާންކުރުމާއެކު ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މަރުޙަބާ ކިޔުއްވާފައެވެ.