ހުޅުމާލެ 2 ގައި ހުންނަ ކަރަންޓު ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ހުއްދަ ސްޓެލްކޯ އަށް ލިބިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ، އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ އެ ޓްރާންސްފޯމަރުތައް މޮނިޓާކުރުމަށް ސީސީޓީވީ ހަރުކުރުމުގެ ހުއްދައަށް އެ ކުންފުނިން އެދިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
އެ ހުއްދައަށް އެންމެ ފުރަތަމަ އެދުނީ އެޗްޑީސީގެ ކުރީގެ އެމްޑީ ހުންނަވަނިކޮށް ކަމަށާއި އެކަމަކު އެކަން އޭރު ކާމިޔާބު ނުވި ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ހުޅުމާލެ 2 އަށް ކަރަންޓު ދިނުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 70 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކާ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އެ މަސައްކަތް އެއްކޮށް އޮތީ ނުނިމި އެވެ.
މީގެ އިތުރުން، މި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، އޭގެ ކައިރީގައި އެއްވެސް ކަހަލަ ސެކިއުރިޓީއެއް ނުވަތަ ސީސީޓީވީ ކެމެރާއެއް ވެސް ނުހުރެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މީހަކު ވަނީ ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ، އޭގައި ހުރި ކޭބަލްތައް ބުރިކޮށްލައިގެން ވަގަށް ގެންދަން އުޅެފަ އެވެ. ކޭބަލްތައް ބުރިކުރުމާ އެކު ކަރަންޓު ކެނޑުމުން، އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ.
އެ މީހުން ހުއްޓުވަން އެ މުވައްޒަފު މަސައްކަތް ކުރުމުން އެ މީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި، މާރާމާރީ ވެސް ހިންގި އެވެ. އެ މާރާމާރީގައި އެ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ގޮސްފައިވެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ