ހުޅުމާލެ ފޭސް 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި 19 އަހަރުގެ ޒުވާނާ އަދިވެސް ހޭނާރާ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށްވާއިރު، އަނިޔާވި ޒުވާނާއަށް މިހާރުވެސް ފަރުވާ ދެމުން އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އާއިލާއިން ޒުވާނާ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، ޑޮކްޓަރުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ. ސަބަބަކީ އަނިޔާވި ޒުވާނާ އޮތީ ރާއްޖެއިން ބޭރަށް ގެންދެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށް ޑޮކްޓަރުން ބުނެފައިވާތީއެވެ.
ފުލުހުން ކުރިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް 2 ގެ ގުލްއަލާ މަގުން އިރުން ހުޅަނގަށް، ނިރޮޅު މަގު ހުރަސް ކުރަމުންދިޔަ ފުލުހުންގެ ކާރެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަކީ މީގެ ދުވަސްކޮޅެއް ކުރިން ލައިސަންސް ހިފަހައްޓާފައިވާ ކުއްޖެއް ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ނަމަވެސް، އާއިލާއިން ފުލުހުންގެ ތުހުމަތުތައް ދޮގުކޮށް ކުރިން ބުނެފައިވަނީ އެކްސިޑެންޓުވި މީހާ މީގެ ދުވަސްކޮޅެއް ކުރިން ދުއްވި ސައިކަލެއް މޮޑިފައި ކޮށްފައި ހުރުމުން އެ ސައިކަލު ހިފަހައްޓައި، ސައިކަލުގެ ވެރިފަރާތް ޖޫރިމަނާކުރި ކަމަށާއި އޭނާގެ ލައިސަންސް ހިފެހެއްޓިކަން އެނގިފައި ނެތް ކަމަށެވެ.
އެކްސިޑެންޓުވި މަންޒަރު ދުށް މީހުންނާ ހަވާލާދީ އާއިލާއިން ބުނާ ގޮތުގައި ފުލުހުންގެ ކާރު އަނބުރާލަން އުޅެފައި އޮތީ މަގު ހުރަސްކުރާ ކާރެއް އަނބުރާނެ ދިމާލަކަށް ނޫނެވެ. އެހެންކަމުން، ފުލުހުންގެ އިހުމާލު ވެސް އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ތަޙްޤީޤަށް، އެ މަންޒަރު ދުށް ބަޔަކު ހޯދަން ވެސް އިޢުލާނުކޮށްފައެވެ.