ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓުން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މާލެއަށް ވެހުނީ 130.7 މިލިމީޓަރުގެ ވާރޭއެވެ.
މެޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. އެއީ 79.5 މިލިމީޓަރުގެ ވާރޭއެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ އއ. ތޮއްޑޫއަށް ކަމަށްވާއިރު، އެރަށަށް ވެހުނީ 70.3 މިލިމީޓަރުގެ ވާރޭއެވެ. ހަތަރުވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ރަށަކީ ގދ. ކާޑެއްދޫއެވެ. އެރަށަށް ވެހުނީ 54.4 މިލިމީޓަރުގެ ވާރޭއެވެ.
މީގެ އިތުރުން، ނ. މާފަރަށް 49.5 މިލިމީޓަރު، ވ. ރަކީދޫއަށް 48.3 މިލިމީޓަރު، ހުޅުމާލެއަށް 43.5 މިލިމީޓަރު އަދި ލ. މާވަށަށް 35.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
މިއަދުގެ މޫސުމާ ގުޅޭގޮތުން މެޓުން ދީފައިވާ މަޢުލޫމާތުގައި، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އޮތް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދެކުނުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުމުގެ ފުރުސަތު އޮތް ކަމަށްވެސް މެޓުން ވަނީ އިންޒާރު ދީފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި އާންމުކޮށް ވިއްސާރަވެ، ބޯކޮށް ވާރޭވެހޭ މޫސުމެއް ކަމަށްވާތީ، ރައްޔިތުންނަށް ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.