މިއަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭ މީހުނަށް ދައުވަތު ފޮނުވަންފަށާފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ މިއަހަރު ހައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް އެކަމުގެ ދަޢުވަތު ފޮނުވަން ފަށާފައިވާކަމަށެވެ. އަދި އޭގެތެރެއިން ބައެއް މީހުން އެކި ސަބަބުތަކާ ހުރެ މިއަހަރު ނުދެވޭނެކަމަށް އަންގާފައިވާކަމަށާއި އެ ޖާގަތަކަށްވެސް ކިއު ތަރިތީބުން މީހުންނަށް ފުރުޞަތު ދެމުންދާކަމަށް ޝަކީލް ވިދާޅުވި އެވެ.
މިމަހުގެ 13 އިން 16 އަށް ސަޢުދީއަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ ޙައްޖު ކޮންފަރެންސްގެ ތެރެއިން މުތައްވިފުންނާ ބައްދަލުކޮށް އެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާނެކަމަށް ޝަކީލް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގައިވެސް ސައުދީޢަރަބިއްޔާއިން ރާއްޖެއަށް 1،000 ކޯޓާ ދޫކުރެއެވެ. އެ ކޯޓާގައި މީގެ ކުރިން ޙައްޖު ކޯޕަރޭޝަންއާއެކު އަމިއްލަ ޖަމާއަތްތަކަށްވެސް ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތުދެއެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ނިންމަވާފައިވަނީ 1،000 ކޯޓާގައި ހައްޖަށް މީހުން ގެންދާނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނުން ކަމަށެވެ.
މި ނިންމެވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށެވެ. މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމުކެވެ.
ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9،115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7،543 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1،461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން އެބަތިއްބެވެ.
މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8،623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7،150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1،370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.
ހައްޖު ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް