ފުވައްމުލައްސިޓީގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ބަންދުން ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 9 ޑިސެމްބަރު 2024 ވަނަ ދުވަހު ފުވައްމުލަކުން ހައްޔަރު ކޮށްފައިވަނީ ޏ. ފުވައްމުލަށް، ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދް (34އ) އާއި ޏ. ފުވައްމުލަށް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29އ) އެވެ.
މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި މި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ހައިކޯޓުގައި މި ދެމީހުންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު އެވެ. ހައިކޯޓުގައި މި މައްސަލައިގައި ވާހަކަ ދައްކަވަމުން ދައުލަތުން ވަނީ ދަށުކޯޓުން މި މައްސަލައިގައި ނެރުނު އަމުރުތަކުގައި ގޯސްތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ އަމުރުތައް މުރާޖާކުރުމަށް ދަށުކޯޓުގައި އެދިފައިވާނެކަން ފާހަގަ ކޮށްފަ އެވެ.
ހައިކޯޓުން މި މައްސަލައިގައި އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ހަސަން އާޒިމް ބަންދުކުރުމަށް ނެރުނު އަމުރުގައި ހެކީގެ މިންވަރު ބަޔާންކުރަމުން އެއް ނުކުތާގައި ”އެކަށީގެންވާ ހެކި ހުރި“ ކަމަށް ބަޔާންކުރުމަށްފަހު، އިތުރު ދެ ތަނެއްގައި ”ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ“ ހެކި ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އަހުމަދު ނިއުޝާދު ބަންދުކުރުމަށް ނެރުނު އަމުރުގެ ތިން ތަނެއްގައި ”ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ“ ހެކި ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ބަންދު އަމުރުތަކުގައި މިފަދައިން ބަޔާންކުރުމަށްފަހު މި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ، ދައުލަތުންވެސް މައްސަލައިގައި އެއްބަސްވެފައިވާ ގޮތަށް، ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށް ބަޔާންކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާ މީހުން ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްތޯ އަދި އެމީހުންގެ ބަންދު މުއްދަތު އިތުރުކުރުމާ މެދު ގޮތް ކަނޑައަޅާ މާއްދާ އެވެ.
އެހެންކަމުން ހައިކޯޓުން ވަނީ، މި ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބާތިލުކޮށްފަ އެވެ.
މި މައްސަލައިގައި ފުލުހުން މީގެކުރިން ބުނެފައިވަނީ، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ނިއުޝާދުގެ ބޭންކް އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށާއި ފާއިތުވި 2 އަހަރުގެ ތެރޭގައި އާޒިމްގެ ބޭންކް އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. މީގެ އިތުރުން މި މައްސަލައާ ގުޅިގެން 21 މީހަކާއި 2 ކުންފުންޏެއްގެ އެކައުންޓްތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށާއި މި ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ބުނެފައިވެ އެވެ.
ހައި ކޯޓު މަސްތުވާތަކެތި ފުވައްމުލައް ދިވެހި ފުލުހުންގެ ޚިދުމަތް