އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) ގެ އެސެމްބްލީގެ 15 ވަނަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރައިގެ ވަޒީރު މިނިސްޓަރު ޠާރިޤް އިބްރާހީމް އަބޫދާބީއަށް ވަޑައިގެންފި އެވެ.
އަބޫދާބީއަށް ވަޑައިގެން މިނިސްޓަރ ޠާރިޤް ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ އެމްބެސެޑަރ މުޙައްމަދު ޙުސައިން ޝަރީފު (މުންދު)އާއި ބައްދަލުކުރައްވާ، އެންވަޔަރަންމަންޓް މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ހިމެނޭ މުހިންމު ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މިނިސްޓަރުގެ މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ބެލެ ވެއެވެ. އެމްބަސީއަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ދެ ގައުމުގެ ދެމެދު އޮތް ދޭދޭ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައި އިތުރު މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އައިރީނާގެ އެސެމްބްލީގެ މި ޖަލްސާ އޮންނަނީ އަބޫދާބީގަ އެވެ. މި ޖަލްސާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އަދި ހަކަތައިގެ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ.
މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން، މިނިސްޓަރ ޠާރިޤް އިބްރާހީމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ އެވެ. .
ރާއްޖެ - ޔޫއޭއީ މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ