ބޭންކުގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ޚިދުމަތް ނުދޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލްއިން މިގޮތަށް ބުނީ ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯއެއްގައި ބީއެމްއެލްގެ އޭޓީއެމްތަކުން ކްރިޕްޓޯ އެކްސްޗޭންޖްކުރެވޭ ކަމަށް ދައްކުވައިދީފައިވާތީ އެވެ. މި ވީޑިއޯ ޕޯސްޓްކޮށްފައިވަނީ ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތުކުރެވޭ އަލްހާން ފަހުމީ އެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓާކާޑު އަދި އެހެނިހެން ބައިނަލްއަޤްވާމީ ބްރޭންޑްތަކުގެ ކާޑުތަކުން މުއާމަލާތް ހިންގޭނެ ކަމަށެވެ. ނަމަވެސް މި ކާޑުތަކުން ވެސް މުއާމަލާތ ްކުރެވޭނީ ކަނޑައެޅިފައިވާ ވަކި ލިމިޓްތަކެއްގެ ތެރެއިން ކަމަށެވެ.
އިތުރަށް ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ވީޑިއޯގައި ދައްކާފައިވާ ފަދައިން އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓަކުން 100،000 އެމެރިކާ ޑޮލަރަށް ވާ ދިވެހި ފައިސާ އެއްފަހަރާ ނެގުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.