ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅުނު ޗައިނާގެ 7 މީހަކު ސަލާމަތްކޮށްފި އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:26 ގައެވެ.
ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅުނު މި 7 މީހުން ގެއްލުމާ ގުޅިގެން ވ. ފުލިދޫގެ ލޯންޗެއް ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ. އަދި އެ ލޯންޗުން ވަނީ ގެއްލިފައިވާ 7 މީހުން ހޯދައި، އެމީހުން ސަލާމަތްކޮށްފައެވެ. އަދި މަޢުލޫމާތު ލިބޭ ގޮތުގައި މި 7 މީހުންގެ ޙާލުވެސް ރަނގަޅުކަމަށް ބުނެވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެފައިވާ ދުވަސްވަރެއްގައެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިއަދު ނެރުނު އޮރެންޖް ސަމާލުކަމުގައި ބުނެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެޓް އޮފީހުން ވަނީ ދެކުނާއި މެދުރާއްޖެތެރޭގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.