އަލްހިޖްރަ ގުރޫޕުން ހާލުގައިޖެއްސި އުމްރާވެރިން ޙައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަ ޝަހީމް މިހެން ވިދާޅުވެފައި ވަނީ، މިރޭ އެކްސަގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ދިޔަ އުމްރާވެރިން މިހާރުވަނީ، މިނިސްޓްރީގެ އިރުޝާދުގެ ދަށުން ޙައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައި ކަމަށެވެ.
”އިންޝާ ﷲ (11 ޖެނުއަރީ) ހެނދުނު 8.10 ގައި ޤަތަރު އެެއަަވޭސް އިން އެފަރާތްތައް މާލެ ގެނެވޭނެ.“
އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ހާލުގައި ޖެހިފައި ތިބީ 23 އުމްރާވެރިންނެވެ. އޭގެ ތެރޭގައި، 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ތިއްބެވެ.
އުމްރާވެރިން ހާލުގައި ޖެހެން މެދުވެރިވީ، އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް އެ ކުންފުނިން ވަނީ އިއުތިރާފުވެފަ އެވެ.
އަލް ހިޖްރަ ޢުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 23 މީހުންގެ އެ ގްރޫޕު މައްކާއަށް ގެންދިޔައީ ވެސް ތިންބައި ކޮށް، ތިން ފްލައިޓެއްގައި ކަމަށާއި، ހުރުމުގެ އިންތިޒާމުތަކެއް ވެސް ހަމަޖެހިފައި ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްގެ އުމުރާ ދަތުރު ހުއްދަ ބާތިލުކޮށް، އެ ކުންފުނި 100،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އަލްހިޖްރަ ޓްރެވަލްގެ އުމުރާ ދަތުރު ހުއްދަ ހިފެހެއްޓުމާއި، ކުންފުންޏާއި އޭގެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުނިތަކަށްވެސް އުމުރާ ދަތުރު ހުއްދަ ނުދިނުން ހިމެނެއެވެ. އަދި އުމުރާވެރިން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރާ ޚަރަދު އެ ކުންފުނިން ހޯދުމަށާއި، މި މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުމަށްވެސް ނިންމާފައިވެއެވެ.
ހައްޖު ކޯޕަރޭޝަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އުމްރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް