އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާކުރުމަށް މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އަށް ފޮނުވާފައި ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު ނިންމާ، މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާ ކުރުމަށް 2 ޑިސެމްބަރ 2024 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވެ އެވެ. މި މައްސަލައިގައި މަޝްއަރު ޓުއާސްއާ ގުޅޭ ތަފާތު މައްސަލަތަކެއްގެ ތަޙުޤީޤު ކުރެވިފައިވީ ނަމަވެސް، ފުލުހުން މިހާރު ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ޗެކްތަކެއް ބައުންސްވި މައްސަލައިގަ އެވެ.
މިދިޔަ ރޯދަ މަހު މަޝްއަރު ޓުއާސް ގްރޫޕުން ޢުމްރާއަށް ގެންދިޔައީ 53 މީހުންނެވެ. ކޮންމެ މީހެއްގެ އަތުން ދެކޮޅު ޓިކެޓަށް 38,500 ރުފިޔާގެ ރޭޓުން ފައިސާ ނަގާފައިވެ އެވެ. ނަމަވެސް، އުމްރާ ފުރިހަމަ ކުރުމަށްފަހު އުމްރާވެރިން ރާއްޖެ ގެނައުމަށް އޭސް ޓްރެވަލްސްއަށް ދޫކުރި ޗެކް ބައުންސްވުމާ ގުޅިގެން، އުމްރާވެރިން ރާއްޖެ ނާދެވި މައްކާގައި ތާށިވި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ.