މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ބޭކާރު ހަރަދުތައް ރަނގަޅުކޮށް ކޮރަޕްޝަން މުލު ލުހެލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރައީސް ވިދާޅުވީ މިފްކޯގައި ޒަމާނުއްސުރެ ހުރި ކޮރަޕްޝަނުގެ އަމަލުތައް މުލުން ލުހެލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ބޭރުގެ ސީއީއޯއެއް އައްޔަންކުރައްވާފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެތާ އެތެރޭގައި ޒަމާންވީ އެކިއެކި ގޯސް ކަންތައް ހިނގާ. އަޅުގަނޑު ދެން ގަބޫލު ކުރަނީ ކޮރަޕްޝަނުގެ އަމަލުތަކެއް ގޮތަށް ފެންނަ ކަންތައްތަކެކޭ. އަޅުގަނޑުމެން އެ ހުރިހާ [ގޯސް] ކަމެއް ހަމަ މުލުން ލުހެލާނަން.
ރައީސް އިތުރަށް ވިދާޅުވީ މިފްކޯގެ ތެރޭ ހިނގާ ބޭކާރު ހަރަދުތައް ރަނގަޅު ކުރަން ވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ މިފްކޯ ހަރުދަނާކޮށް، އެ ތަނުގެ އިސްރާފު ކުޑަކޮށް އަދި މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ އަޒުމުގެ މަސައްކަތްތައް ފަށާފައި އެ ހުރީ. ބޭރު މީހަކު އެ ހުރީ، އަޅުގަނޑު ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި ކަންކަމުގެ ތެރޭ އާންމުކޮށް ނޫޅޭ ހިސާބަކުން ރަނގަޅު ބޭފުޅަކު ގެނެސް ހަވާލުކޮށްފައި. އަނެއްކާ ތަނުގެ ހިންގުން އަޅުގަނޑުމެން ވަރަށް ގާތުން ސީދާ މި ރިފޯމު ތެރެއިން މި ކުރިއަށް ގެންދަނީ.
މި ދަތުރުފުޅުގެ ތެރެއިން ގއ. ދެއްވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، މަސްވެރިންގެ އުންމީދުތަކާ ގުޅޭގޮތަށް ކަންކަން ފަހިކޮށްދެއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)