ޒަރޫރީ ބޭނުންތަކަށް ވެލިނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުން ކޮށްގެން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ނުހަދައި މެޝިނަރީ ބޭނުން ކޮށްގެން ވެލި ނަގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފި އެވެ.
އީޕީއޭގެ ނެރުނު ބަޔާނުގައި ވާގޮތުން، އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ މެޝިނަރީ ބޭނުން ނުކޮށް، ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކެކެވެ. ނަމަވެސް، އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އެ ސަރަހައްދުތަކުން މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށް އީޕީއޭއިން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގާ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް އެ އެޖެންސީން ވަނީ އަންގާފައެވެ.
އީޕީއޭގެ މި އިންޒާރަކީ، ތިމާވެށި ހިމާޔަތްކުރުމަށާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.