ސައުދީ އަރަބިއާގައި ހާލުގައި ޖެހިފައިވާ އުމްރާވެރިން މާދަމާ މާލެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ނާދެވި، ހާލުގައި ޖެހިފައިވަނީ ހިޖްރާ އުމްރާ ގްރޫޕްގެ 24 މީހުންނެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، މި އުމްރާވެރިންނަށް ދިމާވެފައިވާ ދަތި ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ ފަރާތްތައް އަނބުރާ ގެނައުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މިކަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީތެރިވުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ދިމާވާ ދަތިކަންކަމުގައި އެހީތެރިވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަކީވެސް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ދިމާވާ މައްސަލަތައް ހައްލުކުރުން ކަމުގައި ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ، އުމްރާވެރިން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާންކުރައްވާފައެވެ.
މީގެއިތުރުން، މިނިސްޓަރ ޝަހީމް ވަނީ އުމްރާވެރިން ހާލުގައި ޖެއްސި ކުންފުންޏަށް އުސޫލުގެ ދަށުން މިއަދު ފިޔަވަޅު އަޅާނެކަންވެސް ފާހަގަކުރައްވާފައެވެ.
ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ރާއްޖެ - ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އުމްރާ