ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 16 އަދި 20 ވަނަ ދުވަހު އެވެ. މި ޖަލްސާތައް ބާއްވަނީ އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމުގެ އިތުރުން ބައެއް އިތުރު މަސައްކަތްތައް ނިންމުމަށެވެ.
އީސީގެ މެންބަރުކަމަށް ރައީސް މުއިއްޒު ފޮނުއްވާފައިވާ 2 ނަމަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އަދި ހޯމްލޭންޑް މިނިސްޓްރީގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ ޢަބްދުއްރަޙްމާން ސަލާޙު ރަޝީދުގެ ނަމެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މަޖިލީހުގެ އާ ދައުރުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބާއްވަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިލެކްޝަންސް ކޮމިޝަން (އީސީ) އެޗްއާރްސީއެމް