ގއ. މާމެންދޫގެ ނަރުދަމާގެ މައްސަލަ އެއްކޮށް ޙައްލުކޮށްދީ، އެ މަސައްކަތް ލަސްތަކެއްނުވެ ފަށައިދީ، ބާރު ސްޕީޑުގައި ގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފި އެވެ.
ރައީސް މުއިއްޒު މި ޔަޤީންކަން ދެއްވާފައިވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ގއ. މާމެންދޫ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމޭތަނުން ރަށުގެ މަގު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައަށް ވަގުތީ ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގައްޔާއި، އެކަމަށް ދާއިމީ ޙައްލެއް ހޯދުމުގައިވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށާއި، ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް އިތުރުކޮށްދިނުމަށާއި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ބަނދަރުގެ ބޭރުތޮށި ތަރައްޤީކުރުމަށާއި ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.